In solidarity with the people of Palestine!

މުތަރްޖިމުގެ މުޤައްދިމާ

(އައްޝައިޚް ޢީސާ ޙުނައިން)

بسم الله الرحمن الرحيم الحمد لله رب العالمين. والصلاة والسلام على مبعوث رحمة للعالمين. نبينا محمد وعلى آله وصحبه أجمعين. ومن تبعهم بإحسان إلى يوم الدين. وبعد: މިއީ އަލަށް އުފަންވާ ކުދިންނާ ގުޅޭ ޙުކުމްތައް އެކުލެވޭ 43 ފައިދާއެއްގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލް މުނައްޖިދު حفظه الله تعالى ލިޔުއްވާފައިވާ [43 فائدة في أحكام المولود” މިފޮތުގެ ދިވެހި ތަރުޖަމާއެވެ. އައްޝައިޚް މުޙައްމަދު ޞާލިހު އަލްމުނައްޖިދު حفظه الله تعالى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ ސުވާލުތައް އެތައް ބަހަކުން ގެނެސްދޭ (islamqa.info) ވެބްސައިޓުގެ ޖެނެރަލް ސުޕަވައިޒަރެވެ. މިފޮތުގައި ވަރަށް ކުރުގޮތަކަށް ބަޔާންކޮށްދީފައިވާނީ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހު އެކުއްޖާގެ ބެލެނިވެރިން އެކުއްޖާއަށްޓަކައި އަދާކޮށްދިނުމަށް އިސްލާމްދީނުގައި އަންގަވައިދެއްވާފައިވާ ބައެއް ކަންތައްތަކެވެ. މިކަންތައްތަކަކީ ޢާންމުކޮށް ކޮންމެ މީހަކަށްވެސް އެނގެންޖެހޭ މަޢުލޫމާތުތަކެކެވެ. މިފޮތުގައިވާ ފައިދާތަކުގެ ތެރޭގައި: ދަރިންގެ ނިޢުމަތަކީ ކިހާ މަތިވެރި ނިޢުމަތެއްކަމާއި، އިސްލާމްދީނުގައި އެކުދީންނަށް ރިޢާޔަތްކުރާ މިންވަރާ އަދި އެ ކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ މިންވަރު އެނގިގެންދާނެއެވެ. ކުއްޖާގެ ތަރުބިއްޔަތަށްޓަކައި ކުއްޖާއަށް ޞާލިޙް މަންމައެއް ހޯދައި ދިނުމާއި އެކުއްޖާ ދުނިޔެއަށް އުފަންވުމުން ދީނުގައި އަންގަވާފައިވާ ގޮތަށް އުފާފާޅުކުރުމާ އަދި މައިންބަފައިންގެ މައްޗަށްވާ އެންމެ ބޮޑު ޙައްޤަކީ ހެޔޮލަފާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރުންކަން އެނގިގެންދާނެއެވެ. އެއަށްފަހު ކުއްޖާގެ މައްޗަށް އަދާކޮށްދެންޖެހޭ ޝަރުޢީ ކަންތައްތަކުގެ ފިޤުހީ ޙުކުމްތައް ކުރުގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. އެގޮތުން ތަހްނިޔާ ކިޔުމާއި، ތަޙްނީކު ކުރުމަކީ ކޮބާކަމާއި، ޢަޤީޤާ ކަތިލުމާއި، ނަންކިޔުމާއި، ބޯބޭލުމާއި ، ޚިތާނުކުރުމާއި ބެހޭގޮތުން މިފޮތުގައި ބަޔާންކޮށްފައިވާނެއެވެ. ދުޢާއަކީ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިކުޑަކުޑަ ފޮތުގެ މަންފާ ޙާޞިލުވުމެވެ. އަދި ޝަރުޢީ ޢިލްމު އުނގެނި އެޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ﷲތަޢާލާ އަޅަމެންނަށް މިންވަރުކޮށްދެއްވުމެވެ. آمين وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. 29 ޝައްވާލު 1441ހ. – 21 ޖޫން 2020

މުއައްލިފުގެ މުޤައްދިމާ

(އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު)

الحمد لله والصلاة والسلام على رسول الله. ޙަމްދުހުރީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށެވެ. އެއަށްފަހު ލިޔަމެވެ. މިއީ އަލަށް އުފަންވާ ކުދިންނާއި ގުޅޭ ޙުކުމްތައް ބަޔާންކުރުމަށްޓަކައި ޚުލާޞާގޮތަކަށް އެކުލަވާލާފައިވާ ޢިލްމީ ފައިދާތަކެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރަނީ މި ފޮތަކީ ފައިދާ ޙާޞިލުކުރެވޭ ފޮތެއްކަމުގައި ލެއްވުމެވެ. އަދި މިފޮތް މީސްތަކުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ އެންމެންނަށް ހެޔޮޖަޒާ ދެއްވުމެވެ.

ފުރަތަމަ ނުކުތާ (1)

ދަރިންގެ ނިޢުމަތް

ދަރިންނަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. އަދި މަތިވެރިވެގެންވާ އިޙްސާންތެރިކަމެކެވެ. އަދި ބޮޑުވެގެންވާ ހިބަކޮށްދިނުމެކެވެ. އޭގެ ސަބަބުން އަޅާ ﷲއަށް ޝުކުރުވެރިވުމާއި ހެޔޮގޮތުގައި ބެލެހެއްޓުމާއި ރައްކާތެރިވުން ވާޖިބުވެގެންވާ ބޮޑު ނިޢުމަތެކެވެ. އެކުދީންނަކީ ހިތްތަކުގެ މޭވާތަކެވެ. ބުރަކަށިތަކުގެ ތަނބުތަކެވެ. އަދި ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ: ﴿ٱلۡمَالُ وَٱلۡبَنُونَ زِينَةُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٌ أَمَلٗا٤٦﴾ މާނަ: [މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.] ސޫރަތުލް ކަހްފި: 46 އަދި ރަޙްމާނުވަންތަ ﷲ ތަޢާލާ އިޚްތިޔާރުކުރައްވާފައިވާ އަޅުތަކުންގެ ދުޢާގައިވަނީ މިފަދައިންނެވެ. ﴿رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا﴾ މާނަ: [އަޅަމެންގެ ރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!] ސޫރަތުލް ފުރްޤާން: 74

ދެވަނަ ނުކުތާ (2)

ބޮޑު މަސްއޫލިއްޔަތެއް

ޙައްޤުތަކާއި، ޖަމްޢިއްޔާތަކާއި، އިދާރާތްތަކާއި، ދުނިޔަވީ ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން އިސްލާމްދީނުގައިވަނީ ތުއްތުކުއްޖާގެ ޙައްޤުތައް ކަނޑައަޅައި ނިންމަވައިފައެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ: ((وَإِنَّ لِوَلَدِكَ عَلَيْكَ حَقًّا))[1] މާނަ: [ތިބާގެ ދަރިފުޅަށްޓަކައި ތިބާގެ މައްޗަށް ހައްޤެއްވެއެވެ.] އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ، … وَالرَّجُلُ فِي أَهْلِهِ رَاعٍ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ، وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا))[2] މާނަ: [ކޮންމެމީހަކީ ބެލެހެއްޓުންތެރިއެކެވެ. ކޮންމެ ބެލެހެއްޓުންތެރިޔަކާއި އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން (ޤިޔާމަތްދުވަހުގައި) ސުވާލުކުރެވޭނެއެވެ… ފިރިހެނާއަކީ އޭނާގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެކަނބުލޭގެ ބެލުމުގެ ދަށުގައިވާ ކަންކަމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ.“ އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ اللهَ ساَئِلٌ كُلَّ رَاعٍ عَماَّ اسْتَرْعاَهُ أَحَفِظَ ذَلِكَ أَمْ ضَيّعَ حَتَّي يُسْأَلَ الرَّجُلُ عَنْ أَهْلِ بَيْتِهِ))[3] މާނަ: [ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިޔަކާ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. ތިބާ އެފަރާތްތަކާމެދު ރައްކާތެރިވީމު ހެއްޔެވެ؟ ނުވަތަ އެފަރާތްތަކާމެދު އިހުމާލުވިން ހެއްޔެވެ؟ ފިރިމީހާ އޭނާގެ އަހުލުވެރިންނާމެދު ކަންތައްކުރި ގޮތާ ބެހޭގޮތުންވެސް ސުވާލުކުރެވުމަށް ދާންދެނެވެ.]

ތިންވަނަ ނުކުތާ (3)

ޝުމޫލީ ބެލެނިވެރިކަން!

ތުއްތު ދަރިފުޅު އުފަންވުމުގެ މާކުރިން އިސްލާމްދީންވަނީ އެކުއްޖާގެ ކަންކަމުގައި ޖާމިނުވެފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކުއްޖާއަށް ޞާލިޙު މަންމައެއް ހޯދައިދިނުމަށް އެކުއްޖާގެ ބައްޕައަށް އަމުރުކުރައްވާފައިވެއެވެ. އަދި އެ ކުއްޖާގެ މަންމަ ބަލިވެއިންނަ ދުވަސްތަކުގައިވެސް އަޅާލުމާއި އޯގާތެރިކަން ދިނުމަށް ބާރުއަޅުއްވައެވެ. އަދި އެކުއްޖާގެ ދިރިހުރުމުގެ ޙައްޤަށް ރައްކާތެރިވުމުގެ ގޮތުން ބަނޑުގައިވަނިކޮށް އެކުއްޖާ ވައްޓާލުން ޙަރާމްކުރެއްވިއެވެ. އަދި (ރޯދަ ހިފުމަށް ޢުޛުރުވެރިވާނަމަ) ރަމަޟާން މަހު ރޯދަ ދޫކޮށްލުމުގެ ލުއިކަން މާބަނޑު އަންހެނާއަށް ދެއްވާފައިވެއެވެ. އަދި އެކުއްޖާ މަރާލާ މީހާ، އެކުއްޖާގެ މަރުގެ ދިޔަދިނުން ވާޖިބުކުރެއްވިއެވެ. އަދި އަންހެން މީހާއަކީ ޒިނޭކޮށްގެން މާބަނޑުވެފައިވާ މީހެއްކަމުގައި ވިޔަސް ކުއްޖާ ވިހަންދެން އަދި ކިރުތުބުން ވީއްލެންދެން ޙައްދު ޤާއިމުކުރުން ފަސްކޮށްލައެވެ. އެއަށްފަހު، ކުއްޖާ އުފަންވުމުން އެކުއްޖާ ދުނިޔެއަށް އައިކަމަށްޓަކައި އުފާކުރުމަށާއި، އެކުއްޖާގެ ކަންފަތްދޮށުގައި ބަންގި ގޮވުމަށް އިރުޝާދު ދެއްވައެވެ.[4] އަދި އެކުއްޖާ ތަޙްނީކުކުރުން ސުންނަތެއްކަމުގައި ލެއްވިއެވެ. އަދި ކުއްޖާގެ ބައްޕައަށް އެކުއްޖާ ނިސްބަތްކުރުމާއި، ރީތި ނަމެއް ކިޔުމަށާއި، ޢަޤީޤާ ކަތިލުމާއި، ބޯބާލައި ބޮލުގެ އިސްތަށީގެ ބަރުދަނަށްވާ ވަރަށް (ރިހިން އަގުކޮށް) ޞަދަޤާތްކުރުމާއި، ޚިތާނަކުރުމާއި، ކިރުދިނުން ފުރިހަމަކުރުމާ އަދި ކުއްޖާގެ ޙަޟާނަތާއި (ބެލެހެއްޓުމާއި) ، ޚަރަދުކުރުމާއި، އެކުއްޖާއާއި އެކުއްޖާގެ އަޚުންނާމެދު ޢަދުލުވެރިވުމާ އަދި ޞިއްޙީގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖެއްކަމުގައި ހެދުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ތަރިކައާއި ވަޞިއްޔަތާއި ހިބައާއި ވަޤްފާއި އަދިވެސް މިނޫން ކަންކަން އެކުއްޖާގެ ޙައްޤުގައި (މައިންބަފައިންނާއި ބެލެނިވެރިންނަށް) ހަވާލުކުރައްވާފައިވެއެވެ.

ހަތަރުވަނަ ނުކުތާ (4)

ރިވެތި އަޚްލާޤާއި ތަރުބިއްޔަތު!

މަންމައާއި ބައްޕަގެ މައްޗަށް ތުއްތު ދަރިފުޅަށް އަދާ ކޮށްދޭން ޖެހޭ އެންމެ މަތިވެރި ޙައްޤަކީ: ރިވެތިވެގެންވާ ތަރުބިއްޔަތަކާއެކު ﷲގެ ފޮތާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތާއި އެއްގޮތަށް ކުއްޖާ ތަރުބިއްޔަތުކުރުމެވެ. އަދި އެކުއްޖާ ބެލެހެއްޓުމާއި އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތުކޮށް މަކާރިމުލް އަޚްލާޤާއި ރިވެތި އަދަބުތައް ކުއްޖާއަށް ދަސްކޮށްދިނުމެވެ. އަދި އީމާންތެރިކަން ކުއްޖާގެ ކިބައިގައި އަށަގެންނެވުމާއި ﷲ އަށް އަޅުވެތިވުމާއި އަޚްލާޤީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ޞިއްޙީ ގޮތުންނާއި ނަފްސާނީ އަދި އިޖްތިމާއީ ގޮތުންވެސް ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. އަދި ސުވަރުގެ ޙާޞިލުކުރުމަށާއި ނަރަކައިން ކުއްޖާ ސަލާމަތްކުރުމަށްޓަކައި ސީދާވެގެންވާ މަގުގައި ކުއްޖާ ހިފެހެއްޓުމެވެ. ﷲ ތަޢާލާ ވަޙީކުރައްވެއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ﴾ މާނަ: [އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.] ސޫރަތުއް ތަޙްރީމް: 6 އާޔަތުގެ މުރާދަކީ:  އެބައިމީހުންނަށް ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމެވެ. އަދި އެބައިމީހުންނަށް އުނގަންނައިދިނުމާއެކު އަދަބުވެރިކުރުވުމެވެ. އަދި (އެ ޢިލްމުގެ ސަބަބުން) ނަރަކައިގެ އަޒާބަށް ބިރުވެތި ކުރުވުމެވެ.[5]

ފަސްވަނަ ނުކުތާ (5)

ދަރިއަކު ލިބުމުން ތަހުނިޔާ ކިޔުން!

ﷲ ތަޢާލާ މީހަކަށް ދަރިޔެއް މިންވަރުކޮށްދެއްވުމުން، އެމީހަކަށް ތަހުނިޔާކިޔާ ދުޢާ ކޮށްދިނުމަށް އަވަސްވެގަތުމަކީ ސުންނަތެކެވެ. ރަސޫލާ صلى الله عليه وسلمގެ އަރިހުން، އެކަމުގައި ވަކި ޚާއްޞަ ލަފްޒެއް ކިޔުމަށް ވާރިދުވެގެންނުވެއެވެ. އެހެންކަމުން މީސްތަކުންގެ ތެރޭގައި ޢާންމުކޮށް ބޭނުންކޮށް އުޅޭ ކޮންމެ ލަފްޒަކުން ތަހުނިޔާ ކިޔައި އުޅުމަކުން އެއްވެސް މައްސަލައެއް ނެތެވެ. މީހަކަށް ދަރިއަކު ލިބުމުން، ޙަސަނުލް ބަޞަރީ ރަހިމަހުﷲ އެމީހަކަށް މި ފަދައިން ދުޢާކޮށްދެއްވައެވެ. ((بُورِكَ لَكَ فِي الـمَوْهُوبِ لَكَ، وَشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ)) މާނަ: [ތިބާއަށް ދެއްވުނު ދަރިފުޅުގެ ކިބާގައި ތިބާއަށް ބަރަކާތްލައްވާށިއެވެ. އަދި އެދަރި ދެއްވި ފަރާތަށް ތިބާ ޝުކުރުވެރިވުމުގެ ތައުފީޤުދެއްވާށިއެވެ. އަދި އެކުއްޖާ ޒުވާން އުމުރާ ހަމައަށް ފޯރުކޮށްދެއްވާށިއެވެ. އަދި އެކުއްޖާ ތިބާއަށް އިޙުސާންތެރިވުމުގެ ތައުފީޤު ދެއްވާށިއެވެ.] ނުވަތަ މިފަދައިން ވިދާޅުވެއެވެ. ((أَسْأَلُ الله أَنْ يَجْعَلَهُ مُباَرَكا عَلَيْكَ وَعَلَى أُمَّةِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ.)) މާނަ: [އެދަރިފުޅަކީ ތިބާއަށާއި މުޙައްމަދު صلى الله عليه وسلمގެ އުންމަތަށް ހުރި، ބަރަކާތްލެއްވިގެންވާ ކުއްޖެއްކަމުގައި ލެއްވުން އެދި ﷲގެ ހަޟްރަތުގައި މިއަޅާ ދަންނަވަމެވެ.] މިގޮތަށް ދުޢާކޮށްދިނުމުން ތަހްނިޔާ ކިޔޭ ފަރާތް، ތަހުނިޔާ ކިޔާ މީހާއަށް މިފަދައިން ޖަވާބުދޭށެވެ. ((باَرَكَ اللهُ لَكَ وَباَرَكَ عَلَيْكَ)) މާނަ: [މާތް ﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ. އަދި ތިބާގެ މައްޗަށް ބަރަކާތްލައްވާށިއެވެ.] ((جَزَاكَ اللهُ خَيْرًا ، وَرزقكَ مِثْلَهُ)) މާނަ: [މާތް ﷲ ތިބާއަށް ހެޔޮޖަޒާދެއްވާށިއެވެ. އަދި ތިބާއަށްވެސް އެފަދަ ދަރިޔަކުދެއްވާށިއެވެ.] މިފަދަ ގޮތަކަށް ބުނާށެވެ. ނުވަތަ މިނޫން އިބާރާތަކުންވެސް ބުނެވިދާނެއެވެ.

ހަވަނަ ނުކުތާ (6)

ކަނާތު ކަންފަތް ދޮށުގައި ބަންގި ގޮވުން!

ކުއްޖާ ދުނިޔެއަށް އުފަންވާ ވަގުތު ކުއްޖާގެ ކަނާއަތު ކަންފަތްދޮށުގައި (ބަންގީގެ ކަލިމަތަކުން) ބަންގިގޮވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. މިގޮތަށް ބަންގި ގޮވާއިރު ބޭނުންކުރާނީ ނަމާދަށް ގޮވުމަށް ބޭނުންކުރާ ލަފްޒުތަކެވެ. މިގޮތަށް ކަންތައްކުރުމުގެ ބޭނުމަކީ ކުއްޖާއަށް މިދުނިޔޭގައި އެންމެ ފުރަތަމަ އިވޭ އަޑަކީ ﷲ ތަޢާލާގެ އިސްމުފުޅާއި އަދި އެކަލާނގެ މަތިވެރިކުރުމާއި މާތް ކުރުމުގެ އަޑުކަމުގައި ހެދުމެވެ. އަދި އެކުއްޖާގެ ކިބައިން ޝައިތާނާ ދުރުކުރުމެވެ. އަބޫ ރާފިޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ.))[6] މާނަ: [ފާޠިމަތުގެފާނަށް ޙަސަނުގެފާނު ލިބިވަޑައިގެންނެވި ހިނދު ޙަސަންގެފާނުގެ ކަންފަތްޕުޅުގެ ދޮށުގައި ރަސޫލާ صلى الله عليه وسلم  ބަންގިދެއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ.]

ހަތްވަނަ ނުކުތާ (7)

ބަންގި ގޮވުމުގެ ޙިކުމަތް!

އިމާމު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. [ބަންގިގޮވުމުގެ ސިއްރަކީ –والله أعلم– އެއީ ﷲ ތަޢާލާގެ ކިބްރިޔާވަންތަކަމާއި މަތިވެރިކަމާ އަދި އެންމެ ފުރަތަމަ އިސްލާމްދީނަށް ވައްދައިދޭ ޝަހާދަތުގެ ކަލިމަ އެކުލެވިގެންވާ ކަލިމަތައް (ބަންގީގެ ކަލިމަތައް) އެންމެ ފުރަތަމަ އިންސާނާގެ ކަންފަތަށް އިވޭއަޑުކަމުގައި ހެދުމަށެވެ. އެއީ އޭނާ ދުނިޔެއަށް އުފަންވާއިރު (އިވޭ އަޑަކީ) އިސްލާމްދީނުގެ ޝިޢާރު އެކުލެވިގެންވާ ކަލިމަތަކެއްކަމުގައި ވީފަދައިން އޭނާ މިދުނިޔެއިން ވަކިވެގެންދާއިރުވެސް ތައުޙީދުގެ ކަލިމަތައް އެންމެ ފަހުގެ ކަލިމަތަކެއްކަމުގައި ހެދުމެވެ. އަދި އެމީހަކަށް ނޭންގުނު ކަމުގައިވިޔަސް، އެއްވެސް އިންކާރުކުރުމަކާ ނުލައި ބަންގީގެ އަސަރު ކުއްޖާގެ ހިތަށް ވަދެގެންދެއެވެ. އަދި މިނޫނަސް މިކަމުގައި އިތުރު ފައިދާއެއްވެއެވެ. އެއީ: ބަންގީގެ ކަލިމަތަކުގެ އަޑަށް ޝައިޠާނާ ބިރުން ފިލުމެވެ. އަދި އޭނާވަނީ (އުފަންވާ ކުއްޖާއަށް) -ﷲ ތަޢާލާ ތަޤުދީރުކުރައްވައި އިރާދަކުރައްވާފައިވާ- އިމްތިޙާނަށްޓަކައި، އެކުއްޖާ އުފަންވާނޭއިރަކަށް ފާރަވެރިވެގެންނެވެ. އެއަށް ފަހު އެންމެ ފުރަތަމަ ވަގުތުގައިވެސް ޝައިތާނާއަށް އޭނާ ނިކަމެތިކޮށްލާ އަދި ރުޅިއަންނަ ކަލިމަތައް އިވިގެންދެއެވެ. މިކަމުގައި އެހެން މާނައެއް ވެއެވެ. އެއީ ޝައިތާނާއަށް ވުރެ ކުރިން  ﷲ އާއި އިސްލާމްދީނަށާއި އެކަލާނގެއަށް އަޅުވެތިވުމަށް ދަޢުވަތު ދިނުމެވެ. އެ ފަދައިން ﷲތަޢާލާ އަހަރެމެން އެ ފިޠުރަތެއްގެ މަތީގައި ލެއްވި ފިޠުރަތް ޝައިތާނާ ބަދަލުކޮށްލައެވެ. އަދިވެސް މި ނޫން ޙިކުމަތްތައް މިކަމުގައި ވެއެވެ.[7]

އަށްވަނަ ނުކުތާ (8)

ވާތު ކަންފަތް ދޮށުގައި ގަމަތް ދިނުން!

ކުއްޖާގެ ވާއަތުގެ ކަންފަތް ދޮށުގައި ޤަމަތްދިނުމަށް ޞައްޙަ އެއްވެސް ޙަދީޘަކުން ޘާބިތު ނުވެއެވެ.[8]

ނުވަވަނަ ނުކުތާ (9)

ތަޙްނީކު ކުރުން!

ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތު ތަޙްނީކު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ އަންހެން ކުއްޖެއްކަމުގައި ވިޔަސް އަދި ފިރިހެން ކުއްޖެއްކަމުގައި ވިޔަސްމެއެވެ. ތަޙްނީކުކުރާނީ ހިކިކަދުރަކުންނެވެ. ހިކިކަދުރެއް ނުލިބޭނަމަ ތެތް ކަދުރަކުންނެވެ. ތެތްކަދުރެއްވެސް ލިބެންނެތްނަމަ ކޮންމެވެސް ފޮނި އެއްޗަކުންނެވެ. (ތަޙްނީކު ކުރާ ގޮތަކީ) އެކަންކުރާ މީހާ ކަދުރެއްނަގައި، ދަތުން ޗިސްކޮށްލާ ތެތްކޮށްލާނީއެވެ. އެއަށް ފަހު ކުއްޖާގެ އަނގަހުޅުވާލައި އެތިކޮޅެއް ތަލީގައި ހާކާލާނީއެވެ. އެއީ ކުއްޖާގެ ހަށިގަނޑަށް އޭގެ ތެރެއިން މިންވަރެއް ދިޔުމަށްޓަކައެވެ. މިކަމުގައި ކުއްޖާގެ ހަށިގަނޑަށް ޞިއްޙީ ފައިދާތަކެއް ވެއެވެ. އަދި އެއިގެ ސަބަބުން ކުއްޖާގެ އަނގައިގެ ހިރުގަނޑު ވަރުގަދަކޮށްދެއެވެ. ((عَنْ أَبِي مُوسَى قَالَ : وُلِدَ لِي غُلَامٌ، فَأَتَيْتُ بِهِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ وَدَعَا لَهُ بِالْبَرَكَةِ))[9] މާނަ: އަބޫ މޫސާ ރަޟިޔަﷲ ޢަންޙުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފިރިހެން ދަރިޔެއް ލިބުނެވެ. ރަސޫލާ صلى الله عليه وسلم ވަޑައިގެން އެކުއްޖާއަށް އިބްރާހީމްގެ ނަމުން ނަންދިނެވެ. އަދި ކަދުރުކޮޅަކުން އެކުއްޖާ ތަޙްނީކުކުރައްވާ ބަރަކާތްލެއްވުން އެދި ދުޢާކޮށްދެއްވިއެވެ.] ((عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُؤْتَى بِالصِّبْيَانِ، فَيُبَرِّكُ عَلَيْهِمْ، وَيُحَنِّكُهُمْ ))[10] މާނަ: [އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ތުއްތުކުދިން ގެނެވެއެވެ. އެކަލޭގެފާނު އެކުދިންނަށް ބަރަކާތްލެއްވުމަށް އެދި ދުޢާކޮށްދެއްވާ ތަޙްނީކު ކުރައްވައެވެ.]

ދިހަވަނަ ނުކުތާ (10)

ޢަޤީޤާ ކަތިލުން!

އުފަންވާކުއްޖާއަށް 7 ވަނަދުވަހު ޢަޤީޤާ ކަތިލުމަކީ ސުންނަތެކެވެ. ފިރިހެން ކުއްޖަކަށް 2 ބަކަރިއެވެ. އަދި އަންހެން ކުއްޖަކަށް 1 ބަކަރިއެވެ. ((عَقَّ  رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  عَنِ الْحَسَنِ وَالْحُسَيْنِ رَضِيَ اللهُ عَنْهُما بِكَبْشَينِ كَبْشَينِ.))[11] މާނަ: ރަސޫލާ صلى الله عليه وسلم ޙަސަނުގެފާނާއި ޙުސެއިނުގެފާނުގެ މަތިން  ޢަޤީޤާ ކަތިލެއްވިއެވެ. އެކަލޭގެފާނު ކަތިލެއްވީ ދެ ބަކަރިން ދެ ބަކަރިންނެވެ. (ކޮންމެ ބޭފުޅަކަށް ދެބަކަރިއެވެ.) ޙަދީޘް ބަސްފުޅެއްގައި ވާރިދުވެފައިވެއެވެ. ((عَنِ الْغُلَامِ شَاتَانِ مُكَافِئَتَانِ، وَعَنِ الْجَارِيَةِ شَاةٌ))[12] މާނަ: ތުއްތު ފިރިހެންކުއްޖާއަށް އެއްވަރެއްގެ ދެބަކަރިއެވެ. އަދި ތުއްތު އަންހެންކުއްޖާއަށް ބަކަރިއެކެވެ. ޙަދީޘްގައިވާ مُكَافِئَتَانِގެ މާނައަކީ އެއްވަރެއްގެ ނުވަތަ ކައިރިކުރާ އެވެ.[13]

އެގާރަވަނަ ނުކުތާ (11)

ޢަޤީޤާއަކީ ކޮބާ؟

ޢަޤީޤާއަކީ ކުއްޖާ އުފަންވުމާއި ގުޅިގެން ކަތިލެވޭ އެއްޗަށް ކިޔާ ނަމެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އެއީ ﷲ ތަޢާލާ ދެއްވި ނިޢުމަތަށް (ދަރިއެއް ދެއްވުމުގެ ނިޢުމަތް) ޝުކުރުވެރިވުމުގެ ގޮތުން ކަތިލާ ކަތިލުމެކެވެ. އަދި އެއީ ކުއްޖާ އެންމެ ފުރަތަމަ ދުނިޔެއަށް އުފަންވާއިރު ﷲ ތަޢާލާގެ ހަޟްރަތަށްވެވޭ ކުއްތަންވުމެކެވެ. އަދި ކުއްޖާގެ މަތިން (ކަތިލެވޭ) ޤުރުބާނީއެކެވެ. އެއީ ގެއްލުންތަކުން ކުއްޖާ ސަލާމަތްތެރިކަމާއި ރައްކާތެރިކުރެއްވުމަށް އެދި ކުރެވޭ އުންމީދެކެވެ. އަދި ފަޤީރުންނާއި ބޭނުންޖެހޭ މީހުންނަށްވެވޭ އިޙްސާންތެރިކަމެކެވެ.

ބާރަވަނަ ނުކުތާ (12)

ދަރަންޏަށް ޢަޤީޤާ ކަތިލުން!

ފަޤީރެއްކަމުގައިވާނަމަ ދަރަންޏެއްގެ ގޮތުގައި ނަގައިގެން އަޤީޤާ ކަތިލުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމުން އެމީހަކު މުއްސަނދި ކުރައްވަފާނެއެވެ. އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވިއެވެ. [އެމީހެއްގެ އަތުގައި ޢަޤީޤާ ކަތިލެވޭނެ މިންވަރެއް ނެތްމީހާ ދަރަންޔަށް ނަގާށެވެ. ﷲ ތަޢާލާ އެމީހެއްގެ ޙާލު ބަދަލުކުރައްވާނެކަމުގެ އުންމީދުކުރައްވަމެވެ. އެއީ އެމީހާ ސުންނަތެއް ދިރުވުމުގެ ސަބަބުންނެވެ.[14]

ތޭރަވަނަ ނުކުތާ (13)

ޢަޤީޤާގެ ގޮތުގައި ކަތިލެވޭނީ ކޮން އެއްޗެއް؟

އެންމެ ރަނގަޅު ގޮތަކީ ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެއްޗަކީ ބަކަރިއެއްކަމުގައިވުމެވެ. ގެރި އަދި ޖަމަލުކަމުގައި ނުވުމެވެ. އެއީ ރަސޫލާ صلى الله عليه وسلم ކަންތައްކުރެއްވީ އެފަދައިން ކަމަށްވާތީއެވެ. އަދި ކިއެއް ހެއްޔެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢަޤީޤާގެ ގޮތުގައި ބަކަރި ނޫން އެއްޗެއް ކަތިލުމަކީ ޝަރުޢުވެގެންވާ ގޮތެއް ނޫނެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ބަކަރިއާއި ގެރި އަދި ޖަމަލުންވެސް ޢަޤީޤާކަތިލުން ހުއްދަވެގެންވާކަމުގައެވެ.

ސާދަވަނަ ނުކުތާ (14)

ޢަޤީޤާގެ ގޮތުގައި ކަތިލެވޭނީ ކޮން އެއްޗެއް؟

އެންމެ ރަނގަޅު ގޮތަކީ ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެއްޗަކީ ބަކަރިއެއްކަމުގައިވުމެވެ. ގެރި އަދި ޖަމަލުކަމުގައި ނުވުމެވެ. އެއީ ރަސޫލާ صلى الله عليه وسلم ކަންތައްކުރެއްވީ އެފަދައިން ކަމަށްވާތީއެވެ. އަދި ކިއެއް ހެއްޔެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢަޤީޤާގެ ގޮތުގައި ބަކަރި ނޫން އެއްޗެއް ކަތިލުމަކީ ޝަރުޢުވެގެންވާ ގޮތެއް ނޫނެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ބަކަރިއާއި ގެރި އަދި ޖަމަލުންވެސް ޢަޤީޤާކަތިލުން ހުއްދަވެގެންވާކަމުގައެވެ.

ފަނަރަވަނަ ނުކުތާ (15)

ޢަޤީޤާގެ ގޮތުގައި ކަތިލުން އެންމެ ރަނގަޅީ ކޯއްޗެއް؟

ޢަޤީޤާގެ ގޮތުގައި ކަތިލަން އެންމެ ރަނގަޅު އެއްޗަކީ އެއީ އުޟްހިޔާގެ ގޮތުގައިވެސް ކަތިލެވޭ އެންމެ ރަނގަޅު އެއްޗެވެ. އެއީ ރޫފަ ހެޔޮ، މަސްގިނަ، އުފެދުމުގައި ފުރިހަމަ، ބަލާލަން ކަމުދާ އަދި އެއެއްޗެއް ބަލަހައްޓާމީހާގެ ކައިރި އަގުހުންނަ އެއްޗެކެވެ.

ސޯޅަވަނަ ނުކުތާ (16)

ޢަޤީޤާ ކަތިލުމުގެ ބަދަލުގައި އެއަށްވާ ފައިސާ ޞަދަޤާތްކުރުން!

(އެއްޗެއް ކަތި ނުލާ) އެ ކަތިލެވޭ އެތީގެ މިންވަރަށް ޞަދަޤާތްކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވަނީ ޢަޤީޤާގެ ގޮތުގައި އެއްޗެއް ކަތިލުމެވެ. އެއީ އެއްޗެއް ކަތިލުމުގެ އަގަށްވުރެ ޞަދަޤާތުގެ މިންވަރު އިތުރުކުރިކަމުގައި ވިޔަސްމެއެވެ. އެހެނީ ﷲ އަށްޓަކައި ނަޢަމްސޫފިކަތިލައި ލޭއޮހޮރުވާލުމަކީ ޢަޤީޤާގެ މަޤްސަދެވެ. ﷲ ތަޢާލާ ވަޙީކުރައްވެއެވެ. ﴿قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ١٦٢﴾ މާނަ: [ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ކަތިލެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.] سورة الأنعام: 160

ސަތާރަވަނަ ނުކުތާ (17)

ޢަޤީޤާ ކަތިލާ ދުވަސް!

ސުންނަތްވެގެންވާ ގޮތަކީ ކުއްޖާ އުފަންވި ދުވަހުން ފެށިގެން ހަތްވަނަދުވަހު ޢަޤީޤާކަތިލުމެވެ. ((كُلُّ غُلامٍ مُرْتَهِنٌ بِعَقِيْقَتِهِ تُذْبَحُ عَنْهُ يَوْمَ السّاَبِعِ ويُحْلَقُ رَأْسُه وَ يُسَمَّى))[15] މާނަ: [އުފަންވާ ކޮންމެކުއްޖެއްވަނީ އެކުއްޖާގެ ޢަޤީޤާއާއިއެކު ރަޙުނުކުރެވިފައެވެ. އެކުއްޖާގެ މަތިން 7ވަނަދުވަހު ކަތިލެވެއެވެ. އަދި އެކުއްޖާގެ ބޯބޭލެވެއެވެ. އަދި އެކުއްޖާއަށް ނަމެއްކިޔެއެވެ.] [ޢަޤީޤާއާއެކު ރަހުނުކުރެވިފައެވެ.] މިބަހުގެ މުރާދަކީ: ޢަޤީޤާއަކީ ފިދާއެކެވެ. އަދި ޝައިޠާނާގެ ކަސްތޮޅުން އެކުއްޖެއް މިނިވަންކޮއްލުމެކެވެ.

އަށާރަވަނަ ނުކުތާ (18)

ހަތް ދުވަސް ގުނާނީ ކިހިނެއް؟

ކުއްޖާ އުފަންވީ ދުވާލުގެ ވަގުތެއްގައި ނަމަ ދުވަސް ގުނާނީ އެދުވަހަކީ ފުރަތަމަ ދުވަސް ކަމުގައި ބަލައިގެންނެވެ. ނަމަވެސް ކުއްޖާ އުފަންވީ ރޭގަނޑަކުކަމުގައި ވާނަމަ ދުވަސް ގުނާނީ އޭގެ އަނެއް ދުވަސް އެއީ ފުރަތަމަ ދުވަސް ކަމުގައި ބަލައިގެންނެވެ.   ޤަވާޢިދު: އަޤީޤާ ކަތިލުންވަނީ 7 ވަނަ ދުވަހެވެ. ދުވަސް ގުނުމުގައި ބަލާނީ (ހަފްތާގެ ދުވަސްތަކުގެ ތެރެއިން) ކުއްޖާ އުފަންވާ ދުވަހުގެ ކުރީ ދުވަހަށެވެ. މިސާލަކަށް: ކުއްޖާ އުފަންވީ ހޮނިހިރު ދުވަހެއްގެ ދުވާލުގެ ވަގުތެއްގައި ނަމަ، ކުއްޖާގެ އަޤީޤާ ކަތިލާނީ ޖެހިގެން އަންނަ ހުކުރު ދުވަހުއެވެ. ނަމަވެސް ކުއްޖާ އުފަންވީ ހުކުރުދުވަހުގެ ރޭގަނޑު (ހޮނިހިރުވިލޭރޭ) ކަމުގައިވާނަމަ ހުކުރުދުވަސް ނުހިމަނާނެއެވެ. އެހާލަތުގައި ޢަޤީޤާ ކަތިލާނީ (ޖެހިގެން އަންނަ) ހުކުރު ދުވަހުއެވެ.

ނަވާރަވަނަ ނުކުތާ (19)

ހަތްވަނަ ދުވަހު ޢަޤީޤާ ކަތިނުލެވިއްޖެ ނަމަ!

7 ވަނަ ދުވަހަށްވުރެ ޢަޤީޤާކަތިލުން ލަސްނުކުރާށެވެ. (ޙާލަތެއް ދިމާވެގެން ކަތިނުލެވޭނަމަ) އެނޫން ކޮންމެވެސް ދުވަހެއްގައި ކަތިލުމުންވެސް ކަތިލުމުގެ މަޤްޞަދު ޙާޞިލުވާނެއެވެ. ކުއްޖާ ބާލިޣުވުމުގެ ކުރިން ޢަޤީގާ ކަތިލުން ސުންނަތްވެގެންވެއެވެ.

ވިހިވަނަ ނުކުތާ (20)

ކުއްޖާ އުފަންވުމުގެ ކުރިން ޢަޤީޤާ ކަތިލުން!

ކުއްޖާ އުފަންވުމުގެ ކުރިން ޢަޤީޤާ ކަތިލުން ހުއްދަވެގެން ނުވެއެވެ. އެހެނީ އޭރުން އަޤީޤާ ކަތިލަން ޖެހޭ ސަބަބެއް (ވުޖޫދަކަށް) ނާދެއެވެ.   އެގޮތަށް ކަންތައްކޮށްފިނަމަ އެއަކަށް ޢަޤީޤާއެކޭ ނުކިޔާނެއެވެ. ނަމަވެސް އެއީ ކަތިލާފައިވާ ބަކަރީގެ މަސްތަކެކެވެ. އަޤީޤާއަކަށް ފުދިގެން ނުވެއެވެ.

އެކާވީސްވަނަ ނުކުތާ (21)

ޢަޤީޤާ ކަތިލުމުގެ ކުރިން ކުއްޖާ ނިޔާވެއްޖެ ނަމަ!

ކުއްޖާއަށް ޢަޤީޤާކަތިލުމުގެ ކުރިން އެކުއްޖާ ނިޔާވެއްޖެނަމަ ނުވަތަ ފުރާނަ އެޅުމަށްފަހު މަންމަގެ ބަނޑުން އުފަންވިއިރު މަރުވެފައިވާނަމަ ބައެއް ޢިލްމުވެރިން ވިދާޅުވަނީ (އެޙާލަތުގައިވެސް) ކުއްޖާއަށް ޢަޤީޤާ ކަތިލުން ޝަރުޢުވެގެންވާކަމުގައެވެ.

ބާވީސްވަނަ ނުކުތާ (22)

ބައިވެގެން އެއް ޢަޤީޤާ ކަތިލުން!

އެއްވެސް ޙާލެއްގައި އެކަކުގެ ޢަޤީޤާއެއްގައި އެހެންބަޔެއް ބައިވެރިވުމެއް ހުއްދަވެގެން ނުވެއެވެ. ކޮންމެ ކުއްޖަކަށް ބަކަރިއެއް (ކަތިލުން) މެނުވީ ހުއްދަވެގެން ނުވެއެވެ. މީހެއްގެ ދެ ދަރިން ތިބެ (ޢަޤީޤާގޮތުގައި) ގެރިއެއް ނުވަތަ ޖަމަލެއް ކަތިލާން ބޭނުންވާ މީހާއަށް އޭނާ ކަތިލާ އަޤީޤާއިން ހުއްދަވެގެންވަނީ އޭގެ ތެރެއިން އެއްދަރީގެ މަތިންނެވެ. މިއީ ޢަޤީޤާ، ހަދްޔާއި[16] އުޟްހިޔާއާއި[17] ތަފާތުވާ ކަމެކެވެ. (އެހެނީ ހަދްޔާއި އުޟްހިޔާގައި ގެރިއާއި ޖަމަލުކަތިލުމުގައި އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވެވޭނެއެވެ.) މިކަމުގެ ޢިއްލަތަކީ އިމާމު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން؛ [ޢަޤީޤާގެގޮތުގައި ކަތިލާއެއްޗަކީ ކުއްޖާގެ މަތިން ފިދާއެއްގެ ގޮތުގައި ކަތިލެވޭ އެއްޗަކަށް ވީހިނދު ޝަރުޢުވެގެންވަނީ މުޅިއެތި (އެކަކުގެ މަތިން) ކަތިލުމެވެ. އެއީ ނަފްސެއްގެ ބަދަލުގައި ފިދާއެއްގެ ގޮތުގައި ނަފްސެއް ވުމަށްޓަކައެވެ. ކަތިލާ އެތީގައި ބައިވެރިވުން ހުއްދަނަމަ ކުއްޖާގެ މަތިން ކަތިލިކަތިލުމުގެ މަޤްސަދު ޙާޞިލު ނުވީހެވެ. އެހެނީ ލޭ އޮހޮރުވާލުން (ކަތިލުން)ވަނީ އެކަކުގެ މަތިންނެވެ. ދެން ތިބި ކުދިންނަށް ޙާޞިލުވާނީ އެއިގެން ނެރޭ މަހުގެ (ސަދަޤާތް) އެކަންޏެވެ. ނަމަވެސް ކަތިލުން ޙާޞިލުވާނީ އެކެއްގެ މަތިން ކަތިލުމުންނެވެ.][18]

ތޭވީސްވަނަ ނުކުތާ (23)

އެއްމާބަނޑު ކުދިންގެ ޢަޤީޤާ!

އެއްމާބަނޑު ދެ ކުދިން އުފަންވެއްޖެނަމަ އެއް ޢަޤީޤާއިން ދެ ކުދިންނަށް ނުފުދޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް ވަކިން ޢަޤީޤާ ކަތިލަން ޖެހޭނެކަމާމެދު އެއްވެސް ޚިލާފެއް ނުވެއެވެ.

ސައުވީސްވަނަ ނުކުތާ (24)

އުޟްޙިޔާއާއި ޢަޤީޤާ ޖަމާކުރުން!

އުޟްޙިޔާއާއި ޢަޤީޤާ އެއްކަތިލުމެއްގެ ގޮތުގައި ޖަމާކުރުން ހުއްދަވެގެން ނުވެއެވެ. ޢަޤީޤާގެ ގޮތުގައި އުޟްޙިޔާއެއް ހުއްދަވެގެން ނުވެއެވެ. އެއީ ކޮންމެ އަޅުކަމަކަށް (އުޟްޙިޔާ އަދި ޢަޤީޤާ) އޭގެ ޒާތުގައި ވަކި މަޤްސަދެއްވެއެވެ. އަދި ކޮންމެ އަޅުކަމެއްގައިވާ ސަބަބުތައް ތަފާތުވެގެންވެއެވެ. އެއްވެސް އަޅުކަމެއް އަނެއް އަޅުކަމުގެ މަޤާމަކަށް ނާދެވޭނެއެވެ. މިއީ ޝާފިޢީންނާއި މާލިކީންގެ ބަސްފުޅެވެ.

ފަންސަވީސްވަނަ ނުކުތާ (25)

ޢަޤީޤާ ކަތިލުމަށްފަހު!

އުޟްޙިޔާގެ ގޮތުގައި އެއްޗެއް ކަތިލުމަށް ފަހު ސުންނަތްވެގެންވާ ކަންތައްތައް އެއީ ޢަޤީޤާގެ ގޮތުގައި އެއްޗެއް ކަތިލުމަށްފަހުވެސް ސުންނަތްވެގެންވާ ކަންތައްތަކެވެ. އެއީ އޭގެން ބައެއް ކެއުމާއި، ބައެއް ފަޤީރުންނާއި ޙާޖަތްޖެހިފައިވާ މީހުންނަށް ދިނުމާ އަދި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާ އަދި އެކުވެރިންނަށް ދިނުމެވެ.

ސައްބީސްވަނަ ނުކުތާ (26)

ޢަޤީޤާގެ މަސް ރޮލަށް ބެހުމާއި ކައްކާފައި ބެހުން!

ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެއްޗެއް (ބަޔަކަށް ދޭނަމަ) އެންމެ ރަނގަޅު ގޮތަކީ ރޯކޮށް އޮއްވާ ދިނުމަށްވުރެ ކައްކާފައި ދިނުމެވެ. މިއީ (ދެވޭ މީހާއަށް) ލުއިފަސޭހަ ކޮށްދިނުމެކެވެ. އަދި މިކަމުގައި އިތުރަށް އިޙްސާންތެރިވުމާއި ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުން އެކުލެވިގެންވެއެވެ.

ހަތާވީސްވަނަ ނުކުތާ (27)

ޢަޤީޤާގެ މަސް!

ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެތި ފަޤީރުންނަށާއި، އަވަށްޓެރިންނަށާއި، ގާތްތިމާގެ މީހުންނަށާ އަދި އެކުވެރީންނަށް ފޮނުވުމާއި ނުވަތަ އެމީހުންނަށް ދައުވަތެއްދީގެން ގެޔަށް ކާންގެނައުންވެސް ހުއްދަވެގެންވެއެވެ. މިކަމުގައި އެމީހަކަށް ފަސޭހަގޮތަކަށް ޢަމަލުކުރެވިދާނެއެވެ.

އަށާވީސްވަނަ ނުކުތާ (28)

ކަތިލަންޖެހޭ ވަރަށް ވުރެން އިތުރަށް ކަތިލުން!

އެމީހެއް ކަތިލާ އެއްޗަކުން ކެއުމަށް ދައުވަތުދޭންޖެހޭ މެހެމާނުން ގިނަމީހާ، ފިރިހެން ކުއްޖަކަށް ދެބަކަރިއަށް ވުރެ ގިނައިން ކަތިލުމާ އަދި އަންހެން ކުއްޖަކަށް އެއްބަކަރިއަށް ވުރެ ގިނައިން ކަތިލުމަކުން އެއްވެސް މައްސަލައެއް ނެތެވެ. މިގޮތަށް އިބްނުބާޒު ރަޙިމަހުﷲ ފަތުވާ ދެއްވައެވެ.

ނަވާވީސްވަނަ ނުކުތާ (29)

ޢަޤީޤާގެ ކަށިތައް ބުރިކުރުން!

ކައްކާއިރު ޢަޤީޤާގެ ކަށިތައް ބުރިކުރުން މަނާކަމަކަށް އެއްވެސް ޞައްޙަ (ދަލީލެއް) އައިސްފައި ނުވެއެވެ. ނަމަވެސް ސަލަފުންގެ ކިބައިން މިކަމަށް އަޘަރެއް އައިސްފައިވެއެވެ. އެއީ ކުއްޖާގެ ގުނަވަންތައް ސަލާމަތުން ހުރުމުގެ ހެޔޮ ފާލެއްގެ ގޮތުގައެވެ. ނަމަވެސް އާދަކާދައިގެ ގޮތުން ކަށިތައް ބުރިކުރެވެއެވެ. އަދި އެކަމުގައި (މީސްތަކުންގެ) މަސްލަޙަތެއް އެކުލެވެގިންވެއެވެ. އެއީ ކަތިލެވޭ އެތިން އޭގެ ފުރިހަމަ މަންފާ ލިބިގަތުމާއި އޭތި ކެއުމަށް (ފަސޭހަވުމުގެ) މަޞްލަޙަތެވެ. އަދި މިކަން މަނާކުރާނެ އިތުރު މަސްލަޙަތެއް ނެތެވެ. އެހެންކަމުން ކައްކާ ވަގުތުގައި ކަށިތައް ބުރިކުރުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

ތިރީސްވަނަ ނުކުތާ (30)

ކުޑައިރު ޢަޤީޤާ ކަތިލެވިފައި ނުވާނަމަ!

ކުޑައިރު އެކުއްޖަކަށް ޢަޤީޤާ ކަތިލެވިފައިނުވާނަމަ ބޮޑުވުމަށް ފަހު އޭނާ ބޭނުންނަމަ އޭނާގެ އަމިއްލަ ނަފްސަށް ކަތިލެވިދާނެއެވެ. އެހެނީ ޢަޤީޤާއަކީ ގަދަވެގެންވާ ސުންނަތެކެވެ. ކުއްޖާގެ ބައްޕައަށް ޢަޤީޤާ ކަތިނުލެވުނުކަމުގައި ވިޔަސް، އެކުއްޖާ ބޮޑުވުމަށް ފަހު ވެސް އެކަމަށް ކުޅަދާނަވެގެންވާނަމަ އެކަން ކޮށްލެވިދާނެއެވެ. (ޢަޤީޤާ ކަތިލުމަށް އައިސްފައިވާ) ޙަދީޘްތަކުގެ ޢާންމު މާނައިން މިކަން ދޭހަވެއެވެ. އަދި މިފަދައިން އަހަރެމެންގެ ޝައިޚް ޢަބްދުލް ޢަޒީޒް އިބްނު ބާޒް ރަޙިމަހުﷲ ފަތުވާދެއްވައެވެ.[19]

އެއްތިރީސްވަނަ ނުކުތާ (31)

ކުއްޖާއަށް ނަންކިޔުން!

ކުއްޖާ އުފަންވާ ވަގުތުގައި ނުވަތަ ހަތްވަނަ ދުވަހުގައި ނަންކިޔުން ސުންނަތްވެގެންވެއެވެ. އެންމެ ރަނގަޅުގޮތަކީ ނަން ކިޔުން އެއަށްވުރެ ލަސްނުކުރުމެވެ. އަނަސް ބިން މާލިކުގެ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((وُلِدَ لِي اللَّيْلَةَ غُلَامٌ، فَسَمَّيْتُهُ بِاسْمِ أَبِي إِبْرَاهِيمَ))[20] މާނަ: [މިރޭ ތިމަންކަލޭގެފާނަށް ފިރިހެން ދަރިޔަކު ލިބިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނުގެ ކާފާފުޅު އިބްރާހީމުގެ ނަމުން އެކުއްޖާއަށް ނަންދެއްވީމެވެ.][21] އަދިވެސް ޙަދީޘެއްގައި އައިސްފައިވެއެވެ. ((كُلُّ غُلامٍ مُرْتَهِنٌ بِعَقِيْقَتِهِ تُذْبَحُ عَنْهُ يَوْمَ السّاَبِعِ ويُحْلَقُ رَأْسُهُ وَ يُسَمَّى))[22] މާނަ:  [އުފަންވާ ކޮންމެކުއްޖެއްވަނީ އެކުއްޖާގެ ޢަޤީޤާއާއެކު ރަޙުނުކުރެވިފައެވެ. އެކުއްޖާގެ މަތިން 7 ވަނަ ދުވަހު (ޢަޤީޤާ) ކަތިލައި، އެކުއްޖާގެ ބޯ ބާލައި އަދި އެކުއްޖާއަށް ނަމެއްކިޔާށެވެ.] (17 ވަނަ ފައިދާގައި މިޙަދީޘް އިސްވެ ހިނގައްޖެއެވެ.)

ބައްތިރީސްވަނަ ނުކުތާ (32)

ރީތި ނަމެއް ކިޔުން!

ނަމަކީ އެނަމަކުން ނިސްބަތްވާ އެއްޗެއް ރަމްޒުކޮށްދޭ ލަފްޒެކެވެ. ކުއްޖާއަށް ނަން ކިޔާއިރު ލަފްޒީ ގޮތުންނާއި މާނައިގެ ގޮތުން ރަނގަޅުނަމެއް ކިޔުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. އެއީ މައިންބަފައިން އެބައިމީހުންގެ ދަރީންނަށް އަދާކޮށްދޭން ޖެހޭ ޙައްޤެކެވެ.

ތެއްތިރީސްވަނަ ނުކުތާ (33)

ކިޔުން ސުންނަތް ވެގެންވާ ނަންތައް!

ތިރީގައި ބަޔާންކޮށްފައި މިވާ ނަންތަކުން ދަރިފުޅަށް ނަންކިޔުން ސުންނަތްވެގެންވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ދެ ނަން!
  • ޢަބްދުﷲ
  • ޢަބްދުއްރަޙްމާން.
އެއަށްފަހު، ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއްގެ ކުރިއަށް عبد ނުވަތަ أمة ލައިގެން ކިޔާ ނަންތައް! މިސާލަކަށް:
  • ޢަބްދުލްޢަޒީޒު (ޢަޒީޒުވަންތަ ރަސްކަލާނގެ އަޅު (ފިރިހެނާ))
  • އަމަތުލްޢަޒީޒު (ޢަޒީޒުވަންތަ ރަސްކަލާނގެ އަޅު (އަންހެނާ))
  • ޢަބްދުލްމަލިކު (ވެރިރަސްކަލާނގެ އަޅު (ފިރިހެނާ))
  • އަމަތުލްމަލިކު (ވެރިރަސްކަލާނގެ އަޅު (އަންހެނާ))
އެއަށްފަހު، ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ނަންތައް! މިސާލަކަށް:
  • މުޙައްމަދު
  • އިބްރާހީމް
އެއަށްފަހު، ހެޔޮލަފާ ޞާލިޙު ބޭބޭކަލުންގެ ނަންތައް! މިސާލަކަށް:
  • ޞަޙާބީބޭކަލުންގެ ނަންތައް
  • ތާބިޢީބޭކަލުންގެ ނަންތައް
އެއްވެސް މުސްލިމު ގެއެއްގައި މިއިން އެއްވެސް ނަމެއް (އެއްވެސް ކުއްޖަކަށް) ނުކިޔައި ދޫކޮށްލުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ.

ސައުރަތިރީސްވަނަ ނުކުތާ (34)

ކިޔުން ހުއްދަ ނޫން ނަންތައް!

ޝަރުޢީގޮތުން ޙަރާމްކުރައްވާފައިވާ ނަންތަކުން ކުއްޖާއަށް ނަންކިޔުން ޙަރާމްވެގެންވެއެވެ. އެއީ އަންހެން ކުއްޖެއް ކަމުގައިވިޔަސް އަދި ފިރިހެންކުއްޖެއް ކަމުގައިވިޔަސްމެއެވެ. ޝަރުޢީގޮތުން ކިޔުން ޙަރާމް ނަންތައް! މިސާލަކަށް: o      މަލިކުލް މުލޫކް (ރަސްރަސްކަލުންގެ ރަސްގެފާނު) o      ސުލްޠާނުއްސަލާޠީން (ސުލްޠާނުންގެ ސުލްޠާނު) ﷲ ތަޢާލާއަށް ޚާއްސަ ނަންތައް! މިސާލަކަށް: o      އައްރަޙްމާން o      އަލްޤުއްދޫސް o      އައްޞަމަދު ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތިވެވޭ ނަންތައް! މިސާލަކަށް: o      عَبْدُ الكَعْبَةِ (ކައުބާގެ އަޅު) o      عَبْدُ الرَّسُوْلِ (ރަސޫލާގެ އަޅު) ޔަހޫދީންނާއި ނަޞާރާއިންގެ ޚާއްޞަ ނަންތައް! މިސާލަކަށް: o      ޖަރްޖިސް (جَرْجِس( o      ބުޠްރުސް بُطْرُس o      ޔޫޙައްންނާ يُوْحَنَّا o      ޝަމްޢޫން شَمْعُوْن o      ކޫހައިން كُوهَيْن[23]

ފަންސަތިރީސްވަނަ ނުކުތާ (35)

ކިޔުން އެދެވިގެންނުވާ ނަންތައް!

ތުއްތުދަރިފުޅަށް ނަންކިޔާއިރު ކޮންމެހެންވެސް ދުރުހެލިވާންޖެހޭ ނަންތައް ޖައްބާރުންނާއި ހައްދުފަހަނައަޅާފައިވާ މީހުންގެ ނަންތައް! މިސާލަކަށް: o      ފިރުޢައުނު o      ޤާރޫނު ޝައިތާނުންގެ ނަންތައް! މިސާލަކަށް o      ޚިންޒަބް ހަޑިހުތުރު ނަންތަކާއި އަދި ފޫހިކުރުވާ ނަންތައް! މިސާލަކަށް: o      حَرْبٌ ހަނގުރާމަ o      مُرَّة ހިތި o      ظَالِمٌ އަނިޔާވެރިޔާ o      عاَصِيَة އުރެދޭމީހާ

ސަތިރީސްވަނަ ނުކުތާ (36)

ކުއްޖާއަށް ކުންޔާއެއް ދިނުން!

ތުއްތު ދަރިފުޅަށް ކުންޔާއެއްގެ[24] ގޮތުގައި މިވެނި ފިރިހެން/އަންހެން ކުއްޖެއްގެ ބައްޕަ (މިސާލަކަށް: أَبُو عَبْدِ اللهِ) ނުވަތަ މިވެނި ފިރިހެން/އަންހެން ކުއްޖެއްގެ މަންމަ (މިސާލަކަށް: أُمُّ عَبْدِ اللهِ) މިފަދައިން ކިޔުމަކީ ހުއްދަކަމެކެވެ. އެއީ އެކުއްޖާއަށް އިޙްތިރާމްކުރުމަށާއި އެކުއްޖާގެ މަޤާމް އަންގައިދިނުމަށްޓަކައެވެ. އަދި ޚާއްޞަކޮށް އެކުއްޖާގެ ސަލާމަތާ އަދި އެކުއްޖާގެ ފަރާތުން ދަރިފަސްކޮޅެއް އައުމުގެ ހެޔޮ ފާލެއްގެ ގޮތުގައެވެ.

ސަތުތިރީސްވަނަ ނުކުތާ (37)

ކުއްޖާގެ ބޯބޭލުން!

ޢަޤީޤާ ކަތިލުމަށް ފަހު 7 ވަނަ ދުވަހު ފިރިހެން ކުއްޖާގެ ބޯބޭލުން ސުންނަތްވެގެންވެއެވެ. –އަންހެންކުދިންގެ އެއް ނޫނެވެ.[25] – އަދި ކުއްޖާގެ ބޮލުގެ އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރެވިދާނެއެވެ. ބޯ ބޭލުމުގައި ޞިއްޙީ ފައިދާތަކެއް ވެއެވެ. އަދި އެއީ (ބޮލުގެ އިސްތަށިތަކުން) ހަޑިތައް ފިލުވާލުމެކެވެ. ރިވާވެގެންވެއެވެ. ((عَقَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الْحَسَنِ بِشَاةٍ وَقَالَ : يَا فَاطِمَةُ، احْلِقِي رَأْسَهُ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً))[26] މާނަ: [ރަސޫލާ صلى الله عليه وسلم ޙަސަންގެފާނަށް ޢަޤީޤާ ކަތިލެއްވިއެވެ. އަދި ފާތިމަތުގެފާނަށް ޙަދީޘްކުރެއްވިއެވެ. އޭ ފާޠިމާއެވެ! އެކުއްޖާގެ ބޯ ބާލާށެވެ. އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރާށެވެ.] ނަމަވެސް މި ޙަދީޘަކީ (ބައެއް ޢިލްމުވެރިންގެ އަރިހުގައި) ޞައްޙަ ޙަދީޘެއް ނޫނެވެ.

އަށުތިރީސްވަނަ ނުކުތާ (38)

ކުއްޖާ ޚިޠާނުކުރުން!

ޚިތާނަކުރުމަކީ ފިޠުރީ ސުންނަތެކެވެ. އަދި އިސްލާމްކަމުގެ ޝިޢާރެކެވެ. އެއީ ފިރިހެނުންނަށް ވާޖިބެކެވެ. އަދި އަންހެނުންނަށްވާ މާތްކަމެކެވެ. (މާނައަކީ: ވާޖިބުކަމެއް ނޫނެވެ. ނަމަވެސް ކުރުމަކުން މައްސަލައެއް ނެތެވެ.) ޙަދީޘެއްގައި އައިސްފައިވެއެވެ. ((الْفِطْرَةُ خَمْسٌ – أَوْ خَمْسٌ مِنَ الْفِطْرَةِ – الْخِتَانُ وَالِاسْتِحْدَادُ، وَنَتْفُ الْإِبْطِ وَتَقْلِيمُ الْأَظْفَارِ، وَقَصُّ الشَّارِبِ))[27] މާނަ: ފިޠުރަތަކީ ފަސްކަމެކެވެ. – ނުވަތަ ފިތުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. – ޚިތާނުކުރުމާއި، ފޫޅުންތިރީގެ އިސްތަށިތައް ބޭލުމާއި، ކިހިލިފަތުގެ އިސްތަށިތައް އުފުރުމާއި، ނިޔަފަތި ކެނޑުމާ އަދި މަތިމަސް ކުރުކޮށް ކޮށުމެވެ.]

ނަވަތިރީސްވަނަ ނުކުތާ (39)

ކުއްޖާގެ ކަންފަތް ތޮރުފުން!

(ކަންފަތުލާ މުދި އެޅުވުމަށްޓަކައި) އަންހެން ކުއްޖާގެ ކަންފަތުފޫޅު ތޮރުފުން ހުއްދަވެގެންވެއެވެ. އެއީ އެކުދީންގެ ޙައްޤުގައި އެކުއްޖާގެ މަޞްލަޙަތު ހިމެނޭކަމެކެވެ. އަދި އަންހެން ކުދިންނަކީ ޒީނަތްތެރިކަމަށް ބޭނުންވާ ބައެކެވެ.[28]

ސާޅީސްވަނަ ނުކުތާ (40)

ތުއްތުކުދިންގެ ކުޑަކަމުދާ ތަކެތީގެ ނަޖާސަތު!

އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ގާތުންދޭ ތުއްތު ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެހީގެ (ޙުކުމް) ޝަރީޢަތުގައި ލުއިކުރައްވާފައިވެއެވެ. އެ ކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެންފޮދެއް ވިއްސައިލުމުން ފުދޭނެއެވެ. ދޮންނާކަށް ނުޖެހޭނެއެވެ. ގާތުންދޭ (އެއްވެސް އެއްޗެއް ނުކައި) ތުއްތުފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެއްސާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. ((يُنْضَحُ بَوْلُ الْغُلَامِ، وَيُغْسَلُ بَوْلُ الْجَارِيَةِ)) މާނަ: [ތުއްތު ފިރިހެން ކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެން ފޮދެއް ވިއްސައިލާށެވެ. އަދި ތުއްތު އަންހެން ކުއްޖާ ކުޑަކަމުދިޔަ ތަން ދޮންނާށެވެ.] ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. [މިއީ (ކިރުނޫން) އެއްވެސް އެއްޗެއް ކައިބޮއި ނޫޅޭ ނަމައެވެ. ކައިބޮއި ހަދާނަމަ އެކުދިން (އެބަހީ: ފިރިހެން ކުއްޖެއްވިޔަސް އަދި އަންހެން ކުއްޖެއް ވިޔަސް) ކުޑަކަމުދިޔަ ތަން ދޮންނަން ޖެހޭނެއެވެ.][29]

އެކާޅީސްވަނަ ނުކުތާ (41)

ތުއްތު ކުދިންގެ ހޮޑު!

ހޮޑުލާއިރު ތަޣައްޔަރުވެފައިވާނަމަ: ކިރާއެކު ރީނދޫކޮށް އައިސްފައިވާނަމަ އަދި އޭގައިވާ މާއްދާތަކާއި ވަސް ތަޣައްޔަރުވެފައިވާނަމަ އެއީ ނަޖިހެކެވެ.[30] ހޮޑުލާއިރު އޭގެ ޞިފަ ބަދަލުނުވާނަމަ: ކިރުދިނުމުގެ ފުރަތަމަ ދުވަސްތަކުގައި ހޮޑުގޮތަށް ހުރެއްޖެނަމަ އެއީ ގާތުންދޭ ކުއްޖެއްގެ ބަނޑުފުރި ކަރުހިއްކުން ފިލުމުން ނުކުންނަ އެއްޗެކެވެ. އަދި އެއީ ޠާހިރު އެއްޗެކެވެ.

ބަޔާޅީސްވަނަ ނުކުތާ (42)

ތުއްތުކުދިންގެ ކުޅާއި ސޮނި!

ތުއްތު ކުއްޖާގެ ކުޅާއި ސޮންޏަކީ ޠާހިރު އެއްޗެކެވެ. އެއީ ހޮޑުގެ ސަބަބުން އެ ކުއްޖާގެ އަނގަ ނަޖިސްވުމުން ތާހިރުކޮށްދޭ އެއްޗެކެވެ. “ތުއްތުކުދިންނަށް ގިނައިން ހޮޑުލެވޭނެކަމާއި އެކުއްޖާގެ އަނގަ ދޮވުމަށް (މީސްތަކުންނަށް) ކުޅަދާނަވެގެން ނުވާނެކަންވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެ ކުއްޖާގެ އަނގައިގައިވާ ކުޅާއި ސޮނިތައް އެކުއްޖާގެ ބެލެނިވެރިންނާއި އުރާމީހުންގެ ގަޔަށް އެޅޭކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެންނަމަވެސް ޝަރުޢުކުރައްވާ ފަރާތް (ﷲ ތަޢާލާ) އޭގެ ސަބަބުން އެމީހުންގެ ހެދުންތައް ދޮންނަން އަމުރު ނުކުރައްވައެވެ. އަދި އެހެދުންތަކުގައި ނަމާދުކުރުން މަނައެއްވެސް ނުކުރައްވައެވެ. އަދި އެކުއްޖާގެ ކުޅުން ރައްކާތެރިވުމަށްވެސް އަމުރުނުކުރައްވައެވެ.][31]

ތެޔާޅީސްވަނަ ނުކުތާ (43)

ކުއްޖާގެ ރައްކައުތެރިކަމަށް އެދުން!

އުފަންވާ ކުއްޖާ ރައްކާތެރިކޮށްދެއްވުމަށް (ﷲގެ ހަޟްރަތުގައި) ދެންނެވުމާއި އެކުއްޖާ ރުޤްޔާކުރުމަކީ ސުންނަތެކެވެ. – އަދި  މިކަމުގައި ހުރިހާ ކުޑަކުދިން ޢާންމުވެގެންވެއެވެ. – ރަސޫލާ صلى الله عليه وسلم ޙަސަނުގެފާނާއި ޙުސައިނުގެފާނު ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރައްވައެވެ. އެކަލޭގެފާނު މިފަދައިން ދުޢާކުރައްވައެވެ. ((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ ))[32] މާނަ: [ﷲ ތަޢާލާގެ ފުރިހަމަ ކަލިމަތައް މެދުވެރިކޮށް ކޮންމެ ޝައިތާނެއްގެ ކިބައިންނާއި، ދިރޭއެއްޗެއްގެ ނުވަތަ ވިހައެއްގެ ކިބައިންނާއި، ކޮންމެ ގެއްލުންދޭ ލޮލަކުން (އެސްފީނާއަކުން) ރައްކާތެރިކޮއްދެއްވުން އެދެމެވެ. (ބައެއް ރިވާޔަތްތަކުގައިވަނީ: މި ދެކުދިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވަމެވެ.) كَلِمَات اللهِ التَّامَّة (ޤުރުއާން ނުވަތަ އެކަލާނގެ އެންމެހާ ކަލާމްފުޅު ނުވަތަ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް) الهَامَّة: (ދިރުންހުރި ކޮންމެ އެއްޗެއް ނުވަތަ ވިހަލާ ކޮންމެ އެއްޗެއް) كُلِّ عَينٍ لآمَّة: (އިންސާނާގެ ގާތަށް އަތުވެއްޖެނަމަ އޭނާއަށް އެސްފީނާ ޖައްސާ ކޮންމެ ލޮލެކެވެ. ﷲ ތަޢާލާގެ ހަޟްރަތުން އެދި ދަންނަވަނީ އެކަލާނގެ ލޯބިވާ ކަންތަކާ އަދި ރުއްސަވާ ކަންތައް ކުރުމަށް ތައުފީޤުދެއްވުމެވެ. އަދި އަޅަމެންގެ ދަރިފަސްކޮޅުގައި ބަރަކާތްލެއްވުމެވެ. ﴿وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا٧٤﴾ މާނަ: [އަޅަމެންގެ ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!] ސޫރަތުލް ފުރްޤާން: 84 والحمد لله رب العالمين – ނިމުނީ –

ފުޓްނޯޓު

[1]. ރިވާކުރެއްވީ މުސްލިމް (1159) [2]. ރިވާކުރެއްވީ: ބުޚާރީ (2409) އަދި މުސްލިމް (1829) [3]. ސުނަން އައްނަސާއީ – އަލްކުބްރާ (9173)، ޝައިޚުލް އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. [4]. މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ވެއެވެ. މިކަމަކީ ޝަރުޢުކުރައްވާފައިވާކަމެއް ނޫންކަމަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މިކަން ކުރުމަށް ޞައްޙަ ޙަދީޘެއް ވާރިދުވެފައި ނުވެއެވެ. [5]. ބެއްލެވުމަށް: ތަފްސީރުލް ބަޣަވީ 8/169 [6]. ސުނަން އަބީދާވޫދު 5105، ސުނަން އައްތިރްމިޛީ 1514 (މިޙަދީޘްގެ ސަނަދުގައި ބަލިކަމެއް ވެއެވެ. ތިރްމިޒީ އަދި ޙާކިމް މި ޙަދީޘް ޞައްޙަކުރައްވައެވެ.) [7]. ތުޙްފަތުލް މަޥްދޫދި ބިއަޙްކާމިލް މަޥްލޫދި (ޞ 37) [8]. އުފަންވާ ކުއްޖާގެ ކަންފަތްދޮށުގައި ބަންގިގޮވުމާ ނުވަތަ ޤަމަތްދިނުމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. ނަމަވެސް އުންމަތުގެ ބައެއް ދަންނަ ބޭކަލުން އެއީ ޞައްޙަ ޙަދީޘެއްކަމުގައި ދެކި އެފަދައިން ޢަމަލުކުރައްވާފައިވެއެވެ. (މުތަރުޖިމް) [9]. ރިވާކުރެއްވީ: ބުޚާރީ (5467) އަދި މުސްލިމް (2145) [10]. ރިވާކުރެއްވީ: ބުޚާރީ (5467)، އަދި މުސްލިމް (286) (މުސްލިމްގެ ލަފްޒު) [11]. ރަވާކުރެއްވީ ނަސާއީ (4219)، ޝައިޚުލް އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. [12]. ރިވާކުރެއްވީ: އަބޫދާވޫދު (2834) ، ތިރްމިޛީ (1516) ، އައްނަސާއީ (4215) އަދި އިބްނުމާޖާ (3162) ، ޝައިޚުލް އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. [13]. ތުއްތު ފިރިހެންކުއްޖާއަށް އެކުއެކީގައި ކަތިލެވޭ ދެބަކަރީގެ މާނަވެސް، މިޙަދީޘުން ބައެއް ޢިލްމުވެރިން ނަންގަވައެވެ. (މުތަރުޖިމު) [14]. ބެއްލެވުމަށް: އިބްނުޤުދާމާގެ އަލްމުޣުނީ (9/460) އަދި އިބްނުލް ޤައްޔިމްގެ ތުޙްފަތުލް މަޥްދޫދި (ޞ 79) [15]. ރިވާކުރެއްވީ އަބޫ ދާވޫދު (2838) ، ތިރްމިޛީ (1522) އަދި ނަސާއީ (4220) އަދި އިބްނު މާޖާ (3165)، ޝައިޚުލް އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘެކެވެ. [16]. ހަދްޔަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މިނާގައި ނުވަތަ މައްކާގައި ތަމައްތުޢުކޮށް ނުވަތަ ޤިރާނުކޮށް ހައްޖުވާމީހުން ކަތިލާކަތިލުމަށް ކިޔާނަމެކެވެ. (މުތަރުޖިމް) [17]. އުޟްޙިޔާއަކީ ﷲއަށް ކުއްތަންވުމަށްޓަކައި އަޟްޙާ ޢީދުދުވަހާއި އައްޔާމުއްތަޝްރީޢުގެ ތެރޭގައި ކަތިލާ ކަތިލުމަށްކިޔާ ނަމެކެވެ. (މުތަރްޖިމް) [18]. ތުޙްފަތުލް މަޥްދޫދި ބިއަޙްކާމިލް މަޥްލޫދި (ޞ 117) [19]. ބެއްލެވުމަށް: އައްޝައިޚް އިބްނު ބާޒްގެ މަޖްމޫޢުލް ފަތާވާ (26/266) [20]. ރިވާކުރެއްވީ އިމާމް މުސްލިމް (2315) [21]. ޢަރަބިބަހުގައި أَبٌ މި ލަފްޒު ބައްޕައަށްވެސް އަދި ކާފައިންނަށްވެސް ބޭނުންކޮށް އުޅެއެވެ. ކިތަންމެ ދުރު ކާފައަކަށްވެސް أَب އެއްގެ ގޮތުގައި މުޚާޠަބުކުރެއެވެ. (މުތަރުޖިމު) [22]. ރިވާކުރެއްވީ: އަބޫދާވޫދު (2838) އަދި އައްތިރްމިޛީ (1522) އަދި އައްނަސާއީ (4220) އަދި އިބްނު މާޖާ (3165) ، ޝައިޚުލް އަލްބާނީ ޞައްޙަކުރައްވާފައި ޙަދީޘެކެވެ. [23]. މިފަދަ ނަންތައް މަނާކުރެވިގެންވާ ސަބަބަކީ އެއީ ކާފަރުން އެމީހުންގެ ދަރީންނަށް ކިޔައި އުޅޭ ނަންތަކަށް ވެފައި ކާފަރުންނާއި އެއްގޮތްވުމުން ދުރުހެލިވުމުގެ ގޮތުންނެވެ. (މުތަރުޖިމް) [24]. ކުންޔާއަކީ އަމިއްލަ ނަމާއި ލަޤަބު ފިޔަވާ [އަބޫ” ނުވަތަ [އުންމު” ކުރިއަށް ލައިގެން ކިޔޭ ކޮންމެ ނަމެކެވެ. މިގޮތުން ލަޤަބުތަކާ ޚިލާފަށް، ކުންޔާ ކިޔައި އުޅެނީ، މީހަކަށް މަދަހަކިޔުމުގެ ގޮތުން ނުވަތަ މާތްކޮށްހިތުމުގެ ގޮތުންނެވެ. މަދަހަ ކިޔުމުގެ ގޮތުންވެސް ނުވަތަ މީހަކު ދަށްކޮށް ނިކަމެތިކޮށްލުމުގެ ގޮތުންވެސް ލަޤަބު ކިޔައިފާނެއެވެ. (މުތަރްޖިމު) [25]. މިއީ ޙަންބަލީ މަޒްހަބުގެ ބަހެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ ބޯބޭލުމަށް ވާރިދުވެފައިވާ ޙަދީޘްގައި (17 ވަނަ ފައިދާގައިވާ ޙަދީޘް) މުޚާތަބުކުރެވެނީ ފިރިހެން ކުއްޖާއަށެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ފިރިހެން ކުއްޖާގެ ބޯބާލައި ފަދައިން އަންހެން ކުއްޖާގެ ބޯބޭލުމެވެ. އެއީ ޙަދީޘްގެ ލަފްޒުގައިވާ غلام ތުއްތު އަންހެންކުއްޖާއަށްވެސް އަދި ފިރިހެންކުއްޖާއަށްވެސް ބޭނުންކުރެވެއެވެ. އަދިވެސް މީގެ އިތުރުން ވިހާކުއްޖާގެ ބޮލުގައިވާ ހަޑި ފިލުވައިލުމަށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައިވެއެވެ. (މުތަރްޖިމް) [26]. ރިވާކުރެއްވީ: އައްތިރްމިޛީ (1519). މި ޙަދީޘް ތިރްމިޒީ ރަޙިމަހު ﷲ ޟަޢީފްކުރައްވައެވެ. ނަމަވެސް އަލްބާނީ ރަޙިމަހުﷲ ދެކިވަޑައިގަންނަވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައެވެ. [27]. ރިވާކުރެއްވީ: ބުޚާރީ (5779) އަދި މުސްލިމް (275) [28]. ބެއްލެވުމަށް: ތުޙްފަތުލް މަޥްދޫދި ބިއަޙްކާމިލް މަޥްލޫދި (ޞ 307) [29]. ރިވާކުރެއްވީ: އަބޫދާވޫދު (377) ، ތިރްމިޛީ (610) ، އިބްނު މާޖާ (525) އަދި ޝައިޚުލް އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. [30]. ގިނަ ޢިލްމުވެރިން ދެކިލައްވާގޮތުގައި ހޮޑަކީ ނަޖިހެކެވެ. އެހެނަސް އެމާނާގައި ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. އެހެންކަމުން އެކަމުގައި ޞައްޙަ ބަސްފުޅަކީ ހޮޑަކީ ނަޖިހެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅެވެ. ބައްލަވާ: އަލްމަޥްސޫޢަތުލް ފިޤްހިއްޔާ (34/86-87) އަދި ޝައިޚުލް އަލްބާނީގެ އައްސިލްސިލަތުއް ޟަޢީފާ 4849. (މުތަރުޖިމު) [31]. ބެއްލެވުމަށް: ތުޙްފަތުލް މަޥްދޫދި ބިއަޙްކާމިލް މަޥްލޫދި (ޞ 321) [32]. ރިވާކުރެއްވީ: ބުޚާރީ (3371) އަދި އަބޫދާވޫދު (4737)